09/06/2026
ނޫސްބަޔާން
ލ. މާވަށުގައި މީޑިއާނެޓުން ދެމުންދާ ކޭބަލް ޓީވީގެ ޚިދުމަތަށް ދިން ބޮޑު ގެއްލުމާ ގުޅިގެން ނެރޭ ބަޔާން
މީޑިއާނެޓަކީ މުޅި ދިވެހިރާއްޖެއަށް ކޭބަލް ޓީވީގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ދައުލަތުގެ ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކުން ނަގަންޖެހޭ ހުއްދަތައް ނަގައިގެން، ޤާނޫނީ އިމުގެ ތެރެއިން މި ޚިދުމަތް ދެމުންގެންދާ ކުންފުންޏެކެވެ.
ލ. މާވަށު ކައުންސިލްގެ 5 ވަނަ ދައުރުގެ އިންތިޚާބުގައި އެމް.ޑީ.ޕީ ޓިކެޓުގައި އިންތިޚާބުވެވަޑައިގެންފައިވާ ކައުންސިލަރު އަޙްމަދު އަޒުމީލު ހިންގަވާ ކޮމިއުނިޓީ ޓެލެގްރާމް ގްރޫޕެއްގައި، މާވަށުގައި ކޭބަލް ޓީވީގެ ޚިދުމަތް ދެނީ ޤާނޫނާއި ޤަވާއިދާ ޚިލާފަށް ކަމަށް ބުނެ ވާހަކަދައްކާފައިވެއެވެ. އަދި އެކަން ބަލައިދިނުމަށް އެދި ކައުންސިލްގެ ޖަލްސާއަކަށް އެޖެންޑާކޮށްދިނުމަށް އެދި މާވަށު ކައުންސިލަށް ފޮނުވާފައިވާ ސިޓީއެއް އެ ގްރޫޕުގައި ޢާންމުކޮށްފައިވަނިކޮށް، ރޭގެ ވަގުތެއްގައި މި ޚިދުމަތަށް ވަނީ މީގެ ކުރިން ދުވަހަކުވެސް ނުދޭފަދަ ބޮޑު ގެއްލުމެއްދީ، ޚިދުމަތް މެދުކަނޑާލާފައެވެ. ކޭބަލް ޓީވީގެ ޚިދުމަތަށް މިފަދަ ބޮޑު ގެއްލުމެއް ދީފައި މިވަނީ ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް ކައުންސިލް މެންބަރު ފަތުރާފައިވާ ދޮގު ވާހަކަތަކާ ގުޅިގެން ކަމުގައި މި ކުންފުނިން ދެކެމުއެވެ.
މި ސަބަބަށްޓަކައި، މި ލާއިންސާނީ އަދި ޣައިރުޤާނޫނީ ޢަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި ގަދަބާރުންނާއި ގެއްލުންދީގެން ކަންކަން ކުރުމުގެ ބަދަލުގައި، ހެދިފައިވާ ޤާނޫނުތަކާއި އުޞޫލުތަކުގެ ތެރެއިން ކަންކަން ކުރުމަށް އިލްތިމާސްކޮށް، ނަޞޭޙަތްތެރިވަމެވެ.
މާވަށުގެ ލޮބުވެތި ރައްޔިތުންނަށް މީޑިއާނެޓުގެ ޚިދުމަތް ދެމުންދަނީ، އަދި ކުރިއަށް އޮތް ތަނުގައިވެސް ދެމުންދާނީ ދިވެހިރާއްޖޭގެ ހެދިފައިވާ އެންމެހައި ޤާނޫނުތަކާއި ޤަވާއިދުތަކުގެ އިތުރުން، ލާމަރުކަޒީ ޤާނޫނުން މާވަށު ކައުންސިލަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ނިންމާ ހުރިހާ ނިންމުންތަކަކާ އެއްގޮތަށް ކަމުގެ ޔަޤީންކަން އަރުވަމެވެ.