01/06/2025
ކުރު ވާހަކަ: ރަންފިހާރައިން ވައްކަން ކުރުން
ވަގުންގެ ޖަމާއަތެއްގެ ބޮޑު މީހަކު އޭނާގެ މޫނުމަތި ރީތިކޮށްލައި، މޫނު މަތިން ހެޔޮ ލަފާ ސާލިހު އަޅުވެރިއެއްގެ ގޮތް ދައްކާލިއެވެ. ދެން، ބާޒާރު މައްޗަށް ގޮސް، ރަށުގެ މަޝްހޫރު ރަން ފިހާރައަކަށް ވަނެވެ. އަދި، ސަލާން ގޮވާލާފައި، ރަން ފިހާރައިގެ ސޭޓު ގާތު ބުންޏެވެ. "ދަރިފުޅާއެވެ! އަހަންނަކީ ކޮއްކޮގެ ހެޔޮ އަމަލެވެ!"
ދެން ސޭޓު ހީނލާފައި ބުންޏެވެ. "ކީކޭ ހެއްޔެވެ؟ ބޭބެގެ މޫނުއަލިވެފައި މޫނު މަތިން ހެޔޮލަފާ މީހެއްގެ ގޮތް ފެންނަން އެބަ ހުއްޓެވެ. ނަމަވެސް ތިމަންނައަކީ މީހެއްގެ ހެޔޮ އަމަލޭ ބުނުމަކީ ދެން ތަންކޮޅެއް ބޮޑުވަރު ނޫން ހެއްޔެވެ؟"
އެ ވަގުތު ވަގުންގެ ޖަމާއަތުގެ އެހެން ދެ މީހަކު، ކައިވެނި ކުރަން އުޅޭ ދެމީހަކަށް ހެދިގެން އައިސް ރަން ފިހާރައަށް ވަދެ ފަށަކާއި އަނގޮޓިއަކާއި އަދި ދެތިން ގަނޑު އުޅާ ގަންނަން ބޭނުން ވާހަކަ ސޭޓު ގާތު ބުންޏެވެ.
ސޭޓު، މެހެމާނުންނަށް ސައި ގެނެސްދީފައި، ބޭނުންވި ތަކެއްޗާއި އެ ތަކެއްޗައްވާ ބިލު ތައްޔާރުކޮށްލާނެ ވާހަކަ ބުންޏެވެ. ދެން، ސޭޓު އެއްލި ކަޅިން، ފެނުނީ އިންނަން އުޅޭ ދެމީހުންގެ ތެރެއިން އަންހެނާ އެއްކަލަ ތަގުވާވެރި މީހާގެ އުނގުގައި އިންތަނެވެ. މިކަމާ ހައިރާންވެގެން، އެކުއްޖާއާ މުޚާތަބުކޮށްފައި އޭނާ ގާތު، އިނބަ ތިއިނީ ސާލިހު ބޭބެގެ އުނގުގައޭ، ސޭޓަށް ބުނެވުނެވެ. ދެން، އަންހެން ކުއްޖާ ބުންޏެވެ. "ތިޔަ ދައްކަނީ ކޮންފަދަ މޮޔަ ވާހަކައެއް ހެއްޔެވެ؟ މިތާކު އެކަކު ވެސް ނެތެއް ނޫން ހެއްޔެވެ!"
އެ ވަގުތު ސާލިހު ބޭބެ ސޭޓު ގާތު ބުންޏެވެ. "އަހަންނަކީ ކޮއްކޮގެ ހެޔޮ އަމަލޭ ކުރިން ވެސް އަހަރެން ބުނީމު ނޫން ހެއްޔެވެ؟ ކޮއްކޮ ނޫން އެކަކަށް ވެސް އަހަންނެއް ނުފެންނާނެއެވެ! އަދި އަހަރެން ދައްކާ ވާހަކައެއް ވެސް ނީވޭނެއެވެ."
ފިހާރައަށް ރަންގަންނަން އައިމީހުން ރަންގަނެގެން އެއަށްވާ ފައިސާ ދައްކާފައި ދިޔުމުން، ސާލިހު ބޭބެ އަނެއްކާ ވެސް ސޭޓު ގާތު ބުންޏެވެ. އަހަރެން މިއައީކީ އެއްވެސް އެއްޗެއް ކޮއްކޮ އަތުން ބޭނުން ވެގެންނެއް ނޫނެވެ. ނަމަވެސް، ކޮއްކޮގެ އީމާންތެރިކަމާއި ހެޔޮލަފާކަމާއި ވިޔަފާރީގައި ކޮއްކޮގެ ތެދުވެރިކަމުގެ ވާހަކަ އަހާފައި ކޮއްކޮގެ ވިޔަފާރިއާއި މުދަލުގައި ބަރަކާތް ލެއްވުމަށް އެދި ދުއާކުރުމަށެވެ. ކޮއްކޮގެ ކިބައިގައި މި ނަންގަތް ސިފަތައް ނެތް ނަމަ، ކޮއްކޮއަކަށް ވެސް އަހަންނެއް ނުފެނުނީހެވެ.
މިހެން ބުނެފައި، އެ ބޭބެގެ ޖީބުން މަލްމަލް ފޮތީގެ ރުމާލެއް ނަގާފައި ސޭޓަށް ދިނެވެ. އަދި، ބުންޏެވެ. ބިސްމި ކިޔައިފައި ކޮންމެ ދުވަހަކު ވެސް ކޮއްކޮގެ މޫނު މި ރުމާލުން ފޮހެލާށެވެ. އޭރުން، ކޮއްކޮގެ ވިޔަފާރީގެ ބަރަކާތް ލައްވައި ވިޔަފާރި އިތުރަށް ކުރިއަށް ދާނެއެވެ.
ބޭބެ ދިން ރުމާލުގައި ހިފައި، ބޭބެ ބުނި ފަދައިން، އެއިން، ސޭޓު، އޭނާގެ މޫނު ފޮހެލިއެވެ. އެ ވަގުތު ސޭޓު ހޭ ހުސްވެގެން ވެއްޓުނެވެ. ރުމާލުގައި އުނގުޅާފައި ހުރި ކުލޯރޯފޯމު ފަދަ ކީމިޔާއީ މާއްދާއެއްގެ ސަބަބުންނެވެ. ދެން، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަގުންގެ ޖަމާއަތުގެ އެހެން މީހުން އެއްކަލަ ސޯލިހުކަމަށް ހެދިގެން އުޅުނު ބޭބެއާ ބައިވެރިވެ، ފިހާރައިން އެމީހުން ބޭނުން ވަރަކަށް ވަގަށް ރަން ނަގައިގެން ދިޔައެވެ!
ރަންފިހާރައިން ވައްކަން ކުރިތާ މިހާރު ފަސް އަހަރު ހަމަވަނީއެވެ. އޭރު، ސޭޓު ވަނީ، އެގޮތް މިގޮތުން މަސައްކަތްކޮށްގެން، އޭނާގެ ވިޔަފާރި އަނެއްކާ ވެސް ކޮޅަށް ނަގައިފައެވެ. ދެން، އެހެން އުޅެނިކޮށް، އެއްދުވަހު، ފިހާރައަށް، ފުލުހުންގެ ބަޔަކު އައެވެ. އެއްކަލަ ސޯލިހު ބޭބެ ގައިގައި ހިލިހިލާ ޖަހައިގެން އެބޭބެ ގޮވައިގެންނެވެ. ފުލުހުން ތިބީ ހަތިޔާރު ވެސް އަޅައިގެންނެވެ. ފުލުހުންގެ ތެރެއިން އިސްކޮށް ހުރި މީހާ ސޭޓު ގާތު ބުންޏެވެ. މީގެ ފަސް އަހަރު ކުރިން މި ފިހާރައަށް އައިސް މީނާ ވައްކަން ކުރި ނޫން ހެއްޔެވެ؟ މިއަދު މިއައީ މީނާގެ މައްސަލަ ޝަރީއަތަށް ހުށަހަޅަން ވެގެން، އޭނާ ވައްކަން ކުރި ގޮތުގެ ވާހަކަ އޭނާ ލައްވައި ކިޔުއްވައި އޭނާ ލައްވައި އެކަން ތަމްސީލުކޮށް ދެއްކުމަށެވެ.
ދެން، ސިފައިންގެ މީހާ ހިލިހިލާ ޖަހާފައިވާ ސޯލިހު ބޭބެއަށް ބުންޏެވެ. "ކަލޭ ކަންތައް ކުރި ގޮތުގެ ވާހަކަ ސާފުކޮށް ކިޔައިދޭށެވެ!" ޖަވާބުގައި އޭނާ ބުންޏެވެ. "އަޅުގަނޑު ސޭޓު އަތަށް ރުމާލެއް ދިނީއެވެ. އަދި އެ ރުމާލުން ސޭޓު މޫނު ފޮހެން ބުނީއެވެ. ރުމާލުގައި ހުންނާނީ ހޭނެތޭ ކަހަލަ ކީމިޔާއީ މާއްދާއެއް އުނގުޅާފައެވެ." މިހެން ބުނެފައި، ވަރަށް ވެސް އުނދަގުލުން، އޭނާއަށް ދިއްކޮށްލެވެން އޮތް ގޮތަކަށް، ފޮތިކޮޅެއް ސޭޓަށް ދިއްކޮލިއެވެ.
އެ ފޮތިކޮޅުގައި ސޭޓު ހިފުމުން، ފުލުހުންގެ އިސް މީހާ ސޭޓަށް ބުންޏެވެ. "ސޭޓު ދެން ކަންތައް ކުރީ ކިހިނެއް ހެއްޔެވެ؟" ދެން، ތިމަންނާ އެ ރުމާލުން މިހެން މޫނު ފޮހެލީއޭ ބުނެ، ސޭޓު މޫނުމަތީގައި އެ ފޮތިކޮޅު އުނގުޅާލިއެވެ. އެ ވަގުތު އަނެއްކާ ވެސް ސޭޓު ހޭނެތިގެން ވެއްޓުނެވެ.
ވަގުންގެ ޖަމާއަތުގެ މީހުން، ފުލުހުންގެ ހެދުން ބަދަލުކޮށްލައި، ސޯލިހު ބޭބެގެ ހިލިހިލާތައް ނައްޓާލައި، ރަން ފިހާރައިން ވައްކަން ކުރުމަށް އަވަސްވެގަތެވެ. އަދި، އަނެއްކާ ވެސް ރަންފިހާރައިން ގެންދެވެން އޮތް އެއްޗެއް ހިފައިގެން ވަގުންގެ ޖަމާއަތުގެ މީހުން ދުވެ ފިލިއެވެ.
އާދެ، މި ވާހަކަ ރަމްޒުކޮށްދެނީ އަޅުގަނޑުމެންގެ މިއަދުގެ ސިޔާސީ ހާލަތެވެ. ސިޔާސީ ޕާޓީތަކަކީ ވާހަކައިން ފެނިގެން ދިޔަ ވަގުންގެ ޖަމާއަތް ފަދަ ބަޔެކެވެ. ފަސް އަހަރުން އެއްފަހަރު ރައްޔިތުންގެ 'ރަންފިހާރައިން' ވައްކަން ކުރުމަށްޓަކައި ސޯލިހު ބޭބެ ހެދިގެން ރައްޔިތުންގެ ކައިރިއަށް އައިސް ރައްޔިތުން މޮޔަ ހައްދައެވެ. އަދި، އެންމެ ހެއްވާ ކަމަކީ، ކޮންމެ ފަހަރަކު ވެސް، ރައްޔިތުން ވެސް މޮޔަ ހެދޭ ކަމެވެ. ގައުމު ބިނާކުރުމުގެ އެއްވެސް ގާބިލު ކަމެއް، ސިޔާސީ ވަގުންގެ ކިބައިގައި ނެތްކަން ކުރިމަތިން ފެނި، ސާބިތުވެފައި އޮތް ކަމުގައި ވިޔަސް ވެހެވެ. ފަސް އަހަރު ނިމޭއިރު، 'ރަން ފިހާރައިން'، އާދެ، ދައުލަތުގެ ޚަޒާނާއިން، އެކި އެކި ނަންނަމުގައި، ހިތަށް އެރި އެއްޗެއް ނެގުންނޫން ކަމެއް ނުކުރެވޭކަން ފެންނަން އޮތް އިރު ވެސް މެއެވެ. ބަދަލު ދިނުމާއި، ދަތުރުތައް ކުރުމާއި، އަމިއްލަ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމާއި އަމިއްލަ ދަރިންނާއި ގާތް މީހުންނަށް ބޭރުންނާއި އެތެރޭން ބޮޑެތި ވަޒީފާތައް ދިނުމާއި ޖޫރިމަނާކޮށް މިލިޔަނުން މިލިޔަނުން ފައިސާ ނެގުމާއި މި ނޫން މާ ބޮޑު ކަމެއް ނުކުރެވޭކަން ފެންނަން އޮތް އިރު ވެސް މެއެވެ. މީގެ އިތުރުން، އެކިއެކި ކޮމިޓީތައް ހަދައި، އެތަނަށް ގާތް މީސްމީހުންލައި އެމީހުންނަށް ފައިސާ ބަހައި، އެކަން ނިމުމުން އެ ކޮމިޓީތައް އުވާލައެވެ. އިހުގެ މިވެނި އެވެނި ކަމެއް ތަހުގީގުކުރަނީއޭ ކިޔައި، އެ ތަހުގީގަށް ޖަވާބުދާރީވާން ޖެހޭ އެކަމާ ސިދާ ބެހޭ މީހުން މީގެ އެތަކެއް އަހަރު ކުރިން މި ދުނިޔެ ދޫކޮށްފައިވާ އިރު، 'ރަންފިހާރައިން'، އާދެ، ދައުލަތުގެ ޚަޒާނާއިން އަދިވެސް އިތުރަށް ނެގެން އޮތް އެއްޗެއް ނަގަމުން ދާއިރު ވެސް މެއެވެ! މީގެ އިތުރުން، މިކަން ދާއިމީ ސިފައެއްގައި ކުރުމުގެ އެދުމުގައި 'ރަންފިހާރަ' ބެލެހެއްޓުން ބޭރު ބަޔަކާވެސް ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާއިރު ވެސް މެއެވެ.
މިހެން ކަންތައް ދިމާވަނީ ކީއްވެބާވައޭ ސުއާލުކޮށްފާނެއެވެ؟ ކުރު ޖަވާބަކަށް ބުނެވެންއަންނަނީ، ވަގުންގެ ޖަމާއަތް ފަދަ، ސިޔާސީ ޕާޓީތަކަށް 'ރަން ފިހާރަ' ހިތަކަށް ލިބިފައި އޮތީ ތަނުގައި، އާންމުންގެ މެދުގައި، ފަސާދަ އާންމުވެފައި އޮތްލެއް ބޮޑުކަމުންނެވެ. ބަދުއަޚުލާގީ އަމަލުތައް ފާޅުގައި ހިންގަމުން ދިޔުމެވެ. ވައްކަމާއި ފޭރުން އާންމުވެފައި ވުމެވެ. މީހުން މެރުމާއި މަރާމާރީ ހިންގުމަކީ ބޮޑުކަމަކަށް ނުވުމެވެ. ރިޝްވަތު ދީގެން މެނުވީ އެއްވެސް ކަމެއް ކުރެވޭ ގޮތް ނުވުމުން، ރިޝްވަތު ދިނުމާއި ހިފުން އެއީ ކުރަން ޖެހޭ ކަމެއްކަމުގައި އާންމުންނަށް ގަބޫލުކުރެވިފައި އޮތުމުންނެވެ. މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި ބޭނުން ކުރުން އެއީ މައްސަލައަކަށް ނުވުމެވެ. ތަނުގެ ޝަރުއީ ނިޒާމަކީ ކުޅޭކުޅޭ ނިޒާމަކަށް ވުމެވެ. އެކަމުގެ ސަބަބުން ކުށްވެރިނަކީ ކުށްވެރިން ނޫންކަމުގައިވެ، ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުން ދާދި ފަސޭހައިން ސަލާމަތްވުމެވެ. މި ދަރަޖައަށް ކަންތައް ދިޔުމުން، ކީރިތި ގުރުއާނުގައި އިޝާރަތްކުރެވިފައިވާ ފަދައިން، ހެޔޮ ގޮތް ފެނުމުން މީހުންގެ ހިތްތައް ބަންދުވެ، ލޯތައް ކަނުވެދެއެވެ. އަދި ހެޔޮ ބަސް އަޑުއިވުމުން ކަންފަތްތައް ބީރުވެދެއެވެ. ކޮންމެ މީހަކަށް ވެސް މުހިއްމުވަނީ ވަގުތީ ގޮތުން ލިބެން އޮންނަ ފައިދާއެވެ. މިހެން ވުމުން، ތަނުގެ ވެރިންނަށް ވަގުންގެ ޖަމާއަތްތަކުގެ މީހުން ހަމަޖެހޭ ގޮތް މެދުވެރިވެއެވެ. އަދި، އެ ފަދަ މީހުންގެ އަތްމަތީ ތަނުގެ ހަލާކައި ނިމުން އާދެއެވެ.
މިކަމުން ސަލާމަތްވާ އެދޭ ނަމަ، އެންމެ ފުރަތަމަ ޖެހޭނީ އާންމުން އިސްލާހުވާށެވެ. ރަނގަޅަކީ ރަނގަޅު ކަމަށް ދެކޭން ޖެހެއެވެ. އަދި، އޭގައި ގަދައަށް ހިފަހައްޓަން ޖެހެއެވެ. ހަމަ އެހެންމެ ނުބަޔަކީ ނުބައިކަމަށް ދެކެން ޖެހެއެވެ. ކޮންމެ މީހަކު އެކަން ކުރިކަމުގައި ވިޔަސް ވެހެވެ. އެ ގޮތަށް ކަންތައް ކުރެވޭ ނަމަ، ހިތްތަކައި ލޯތައް ހުޅެވޭނެއެވެ. އަދި، ތިމާއަކީ 'ހެޔޮ އަމަލޭ' ކިޔައިގެން، ރަންފިހާރައިން ވައްކަން ކުރަން އަންނަ 'ސޯލިހު' މީހުންގެ ވާހަކައަކަށް ހެއްލިދާ ގޮތެއް ނުވާނެއެވެ! ކުރިއަށް މިއޮތީ ރޯދަ މަހެވެ. މި ނަންގަތް ހެން އިސްލާހު ވުމުގެ ރަނގަޅު ފުރުސަތެކެވެ. ތިމާމެންގެ އަމިއްލަ ނަފްސުތައް ހޭލައްވާލައްވައި ރަންފިހާރައިން ވައްކަން ކުރަން އުޅޭ ވަގުން ހުއްޓުވުމަށްޓަކައެވެ.